މަސްވެރިކަމާއި ގުޅޭ

ވަގަށް މަސްވެރިކަން ކުރި ލަންކާ ބޯޓެއް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، އެ ބޯޓު ދައުލަތަށް ނަގަން ހުކުމްކޮށްފި

ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ސްރީލަންކާގެ ބޯޓެއްގެ ވެރިފަރާތް ޖޫރިމަނާކޮށް އެ ބޯޓާއި އެންމެހާ ތަކެތި ދައުލަތަށް ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ، ލަންކާގެ ބޯޓެއް ކަމަށްވާ "ސުދިސަ ޕުތަ02" ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކޮށްފައިވާތީ، ދައުލަތުން އެ އުޅަނދުގެ ވެރިފަރާތުގެ މައްޗަށް ކުރި ދައުވާއެކެވެ.

މި ދައުވާގައިވާ ދައުލަތުން ވަނީ، އެ ބޯޓުގެ ވެރިފަރާތްކަމުގައިވާ ލަންކާގެ ރައްޔިތުކަން އޮންނަ ޕީއެސްއެސް ފަނެންޑޯ ޖޫރިމަނާކޮށް ފިޝަރީޒް މިނިސްޓްރީން އެ ފަރާތަށް ފޮނުވާފައިވާ ޖޫރިމަނާ ނޯޓިސްގައިވާ ފައިސާއަކީ ގާނޫނާއި ގަވާއިދުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށާއި މިއަދާ ހަމައަށްވެސް އެ ފައިސާ ދައްކާފައި ނުވާތީ، ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ދައުލަތަށް ލިބިދިނުމަށާއި އެ އުޅަނދު ދައުލަތަށް ނެގުމަށް ހުކުމްކޮށްދިނުމަށް އެދިފައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން އިއްވި ހުކުމުގައިވަނީ، ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ 700،000 ރުފިޔާއަކީ، ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމަށާއި އެ ފައިސާ 14 ދުވަސް ތެރޭގައި އެ ކޯޓަށް ދައްކަން ހުކުމްކުރާ ކަމަށެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ގާނޫނާހިލާފަށް މަސްވެރިކަން ކުރުމުގައި ބޭނުންކޮށްފައިވާ އުޅަނދާއި އެ އުޅަނދުގެ ވަސީލަތްތަކާއި އާލާތްތަކާއި މުދަލާއި ކުށްކުރުމުގައި ބޭނުންކޮށްފައިވާ އެންމެހާ ތަކެތި، ފިޝަރީޒް މިނިސްޓްރީއަށް ނެގުމަށްވެސް ހުކުމްކުރިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަރަށް ގިނައިން ލަންކާގެ މަސްބޯޓުތަކުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރެއެވެ. އެފަދަ އެތައް ބޯޓެއް މީގެ ކުރިން އަތުލައިގެންފައިވެސް ވެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.