މަސްވެރިކަމާއި ގުޅޭ

Maandhoo Vessel

ހޮރައިޒަން ފިޝަރީޒުން މަސް ގަންނަ އަގު ދަށްކޮށްފި

ހޮރައިޒަން ފިޝަރީޒުން މަސް ގަންނަ އަގު ދަށްކޮށްފިއެވެ.

އެކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އައިސް އަޅައިގެން ފިނިކޮށްގެން ގެންނަ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެނި ކިލޯއެއް މާދަމާ (26 ސެޕްޓެމްބަރ 2020) އިން ފެށިގެން ގަންނާނީ ވަގުތުން ފައިސާ ދޭ ގޮތަށްނަމަ 14 ރުފިޔާއަށް ކަމަށެވެ. މީގެކުރިން ވަގުތުން ފައިސާ ދޭގޮތަށް އެކުންފުނިން މަސް ގަންނަމުން ދިޔައީ ކިލޯއެއް 15 ރުފިޔާއަށެވެ. ނަމަވެސް އައިސްނާޅާ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެލީގެ އަގަށް ބަދަލު ގެނެސްފައި ނުވެއެވެ. އެއީ ކިލޯއެއް 13 ރުފިޔާއަށެވެ.

މިއަދު ގެނައި ބަދަލާއެކު މީގެކުރިން ކިލޯއެއް 10 ރުފިޔާއަށް ގަންނަމުން ދިޔަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް މިއަދުން ފެށިގެން ގަންނާނީ 5.50 އަށެވެ. އަދި އައިސް ނާޅާ ގެންނަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ގަންނާނީ 5.15 އަށެވެ. މީގެކުރިން 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި އައިސް ނާޅާ ގަނެފައިވަނީ 13 ރުފިޔާއަށެވެ. މިއީ ވަގުތުން ފައިސާ ދީފައި އެކުންފުނިން މަސް ގަންނަ އަގުތަކެވެ.

އެހެން ނަމަވެސް ފަހުން ފައިސާ ދޭގޮތަށް މަސް ގަންނަ އަގުވެސް ވަނީ ބަދަލުކޮށްފައެވެ. މިގޮތުން ފަހުން ފައިސާ ދޭގޮތަށް 1.5 ކިލޯއިން މަތީގެ އައިސް އަޅައިގެން ގެންނަ ކަޅުބިލަ މަހާއި ކަންނެލި ކިލޯއެއް ގަންނާނީ 15.50ރ އަށެވެ. މީގެކުރިން ފަހުން ފައިސާ ދޭގޮތަށް މި ކެޓަގަރީން މަހާއި ކަންނެލި ގަނެފައިވަނީ 17 ރުފިޔާއަށެވެ. އައިސް ނާޅާ ގެންނަ 1.5 ކިލޯއިން މަތީގެ މަހާއި ކަންނެލި ކިލޯއެއްގެ އަގަކީ 14.5ރ އެވެ. މީގެކުރިން މި ކެޓަގަރީން މަހާއި ކަންނެލި ގަނެފައިވަނީ 15ރ އަށެވެ.

މީގެއިތުރުން 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ފަހުން ފައިސާ ދޭގޮތަށް އެކުންފުނިން ގަންނަނީ 6 ރުފިޔާ އަށެވެ. މީގެކުރިން މި ކެޓަގަރީން މަހާއި ކަންނެލި ކިލޯއެއް ގަންނަމުންދިޔައީ 11 ރުފިޔާއަށެވެ. އަދި އައިސްނާޅާ 1.5 ކިލޯއިން ދަށުގެ ކަނޑުމަހާ ކަންނެލި މިއަދުން ފެށިގެން ގަންނާނީ ކިލޯއެއް 5.75ރ އަށެވެ. މީގެކުރިން މި ކެޓަގަރީން ކިލޯއެއް ގަނެފައިވަނީ 9 ރުފިޔާއަށެވެ. މިއީ އެއް މަސް ފަހުން ފައިސާ ދޭގޮތަށް ހޮރައިޒަން ފިޝަރީޒުން މަސް ގަންނަ އަގުތަކެވެ.

މިފްކޯއިންވެސް އިއްޔަ ވަނީ އެކުންފުނިން މަސްގަންނަ އަކު ކިލޯއަކުން 2 ރުފިޔާ ދަށް ކޮށްފައެވެ.

މިގޮތުން އައިސް އަޅައިގެން ގެންނަ 1.5 ކިލޯއިން މަތީގެ މަހާ ކަންނެލި ކިލޯއެއް މިފްކޯގެ ސައިޓްތަކަށާއި ބޯޓްފަހަރަށް ގަންނަމުންދާނީ 18 ރުފިޔާއަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 16 ރުފިޔާއަށެވެ. މީގެއިތުރުން 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 10 ރުފިޔާއަށެވެ. 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ފިނިނުކޮށް ގަންނަނީ 8 ރުފިޔާއަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. މަސްވެރިންނަށް ހަމަ އަގު ދިނުމުގައި ލާމަސީލު

Comments are closed.