މަސްވެރިކަމާއި ގުޅޭ

Image

އަމާޒަކީ މަސްވެރިކަމުގެ ދާއިރާއިން ގިނަ ޒުވާނުންތަކެއް އުފެއްދުން: އޯޝަން ހަންޓަރ

ރާއްޖޭގެ މަސްވެރިކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުން މިމަސައްކަތަށް ނެރުމަށް ގިނަ ކުންފުނިތަކަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުންވެސް ފާހަގަކޮށްލެވޭ އެއް ކުންފުންޏަކީ، އޯޝަން ހަންޓަރ ޕްރައިވެޓް ލިމިޓެޑެވެ. މީގެ 10 އަހަރު ކުރިން މަސްވެރިކަމުގެ މަސައްކަތްތައް ފެށި އެ ކުންފުނީގެ އަމާޒަކީ، ކުންފުނީގެ ފަރާތުން ދިވެހި ޒުވާނުންތަކެއް އަނބުރާ މުޖުތަމަޢަށް ގެނެސް މިކަމުގައި ބައިވެރިވާ ޒުވާނުންގެ އަދަދު އިތުރުކުރުން ކަމަށް މަސްވެރިން އެމްވީއަށް މައުލޫމާތުދެމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން އީމާން ވިދާޅުވިއެވެ. އެކުފުނިން ފުރަތަަމަ ފެށި މަސައްކަތަކީ ބޮޑުކަންނެލީގެ ލޭނުގެ މަސްވެރިކަން ކަމަށާއި، އެކުންފުނީގެ ކޮންމެ ބޯޓެެއްގައިވެސް ދިވެހި ޒުވާނުން މަސައްކަތް ކުރިކަމަށް އީމާން ވިދާޅުވިއެވެ. އެގޮތުން މީގެކުރިންވެސް މަސްތުވާތަކެތި ބޭނުންކުރި ކުދިންތަކަކަށް ވަޒީފާ ދީ، އެކުދިންނަކީ، މުޖުތަމައަށް ބޭނުންތެރި ކުދިންތަކަކަށް ހެދި ކަމަށާއި، އެކަން ހުއްޓާލަން ޖެހުނީ، މި ސަރުކާރު ބަދަލުވި ފަހުން ބޮޑުކަންނެލީގެ ލޭނު މަސްވެރިކަން ހުއްޓާލުމަށް ޕޮލިސީއަށް އައި ބަދަލެއްގެ ސަބަބުން ކަމަށްވެސް އީމާން ވިދާޅުވިއެވެ.

"މިއީ އެންމެ ޔަންގް ފެކްޓްރީ އޯނަރު މިހާރު. އަހަރެމެންވެސް ވަރަށް ބައިވަރު ކަންތައްތަކަކާއި ޗެލެންޖް ކޮށްގެން މިހާހިސާބަށް އައިސްފައިމިވަނީ. އަހަރެމެން ކުރިން ދުއްވިން ގާތްގަނޑަކަށް 18 ބޯޓު ލޯންގްލައިންނަށް ރާއްޖޭގައި، ދުއްވިއިރު އޭގެ ކޮންމެ ބޯޓެއްގައި ހުންނާނެ ދިވެހި ކޮންމެސް ކުއްޖެއް. އެއީ މުޖުތަމައު ބޭނުން ނުކުރެވޭ ހާލަތުގައި ތިބި މީހުން އަނބުރާ މުޖުތަމަޢަށް އަހަރެމެން ގެނެސްދިނީ. އެހެންވީމާ އަހަރެމެން ކަމަކީ، އަސްލު ޒުވާނުންތަކެއް މީގެތެރެއަށް ވަނުން." އީމާން ވިދާޅުވިއެވެ.

އޯޝަން ހަންޓަރގެ ފެކްޓްރީގައި މަސް ކަނޑަނީ. ފޮޓޯ: އޯޝަން ހަންޓަރ

އީމާން ވިދާޅުވީ، އެންމެ ފުރަތަމަ ކުންފުނިން މަސްވެރިކަމުގެ މަސައްކަތަށް ނިކުތްއިރު، ލޯންގްލައިން މަސްވެރިކަމުގެ އިތުރުން ލޭނު މަސްވެރިކަމާއި، ކަންނެލީގެ މަސްވެރިކަންވެސް ކުރި ކަމަށެވެ.

އަދި މިހާރު ކުރަމުންދަނީ، ބޮޑު ކަންނެލީގެ މަސްވެރިންގެ އަތުން މަސްގަނެ އެތަކެތި ރާއްޖެއިން ބޭރު ކުރުމުގެ މަސައްކަތް ކަމަށެވެ.

"މީގެކުރިން ޓޫނާ ފެއަރ ތަކުގައި ބައިވެރިވެފައިވާނެ. 2010 އިން ފެށިގެން މިއޮޕަރޭޝަން ހިނގަމުން މިއަންނަނީ. އޭރު ބޭރުގައި ލޭނު އަޅައިގެން މަސްވެރިކަން ކުރީ، ކަންނެލި އޮނޑިދޯނި ފަހަރުވެސް ގަނެގެން އެކަން ކުރީ. ކަންނެލި މަސްވެރިންގެ އަތުން މަސްގަނެވެސް ހަދަން. ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް 20 ނޫނީ 30 ޓަނު ގަންނަން. އަދި ފަށާގަނެގެން އުޅޭތީ." އީމާން ވިދާޅުވިއެވެ.

 

މަސްބޭރުކުރުމަށް ތައްޔާރުވަނީ، ފޮޓޯ:އޯޝަން ހަންޓަރ

އުމުރުން 35 އަހަރުން ދަށުގެ ޓީމަކާއިއެކު އޯޝަން ހަންޓަރ ޕްރައިވެޓް ލިމިޓެޑްގެ ފިޝް ޕްރޮސެސިންގ ފެކްޓްރީން ކުރަމުންދާ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކުންފުނިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ކުންފުނިން އެމެރިކާއާއި، ޔޫރަޕަށް މަސް ބޭރުކުރަމުންދިޔަ ނަމަވެސް ކުންފުނީގެ މިސްރާބު ހުރީ އީޔޫއަށްވެސް މަސް ބޭރުކުރުމަށެވެ. އީމާން ވިދާޅުވީ، އީޔޫއަށް މަސް ބޭރުކުރުމަށް ލައިސަންސަށް އެދިފައިވާ ކަމަށާއި، އެކަމަށް ޚާއްސަކޮށް ހެދި ފެކްޓްރީގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެކުންފުނީގެ ފެކްޓްރީ ޤާއިމްކޮށްފައިވާ ހިންމަފުށީގެ ސަރަހައްދަށްވެސް ކުރިއެރުންތަކެއް ގެނައުމަށް ދަނީ މަަސައްކަތް ކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ މަގުފަހިކޮށްދިނުމަށް އެކުންފުނިން ދާދިފަހުންވަނީ، އައިސްޕްލާންޓެއްވެސް ހަދާފައެވެ.

އޯޝަން ހަންޓަރއިން 2018 ވަނަ އަހަރު 371 ޓަނުގެ މަސް ބޭރުކޮށްފައިވާއިރު، މިދިޔަ އަހަރު 171 ޓަނުގެ މަސް ބޭރުކޮށްފައިވެއެވެ.

ކޮންމެއަކަސް އޯޝަން ހަންޓަރ ޕްރައިވެޓް ލިމިޓެޑުގެ އަމާޒު ހުރީ، މިމަސައްކަތަށް ގިނަ ޒުވާނުންތަކެއް އުފައްދައި، އިތުރު ކުރިއެރުންތަކެއް ގެނެސް، މިކަމުން އެންމެންނަށްވެސް  އެކަށީގެންވާ ފައިދާ ލިބިދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.