މަސްވެރިކަމާއި ގުޅޭ

customs

މިދިޔަ މަހު ރާއްޖެއިން މަސް ބޭރުކުރިވަރު %37 ދަށަށް

ފާއިތުވި ސެޕްޓެމްބަރު މަހު ރާއްޖެއިން މަސް ބޭރުކުރިވަރު 37 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެއިން ބޭރުކުރި މަހުގެ އަދަދުވަނީ މަދުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއިން 315 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، މިދިޔަ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ، 199 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއިން ގިނައިން ބޭރުކުރަނީ، މަހުގެ ބާވަތްތަކުގެ އުފެއްދުންތަކެވެ. އެގޮތުން މިދިޔަ މަހު އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ، އިނގެރޭސިވިލާތަށެވެ. ރާއްޖެއިން ބޭރުކުރި މަހުގެ ބާވަތްތަކުގެ 21 އިންސައްތަ ފޮނުވާފައިވަނީ، އެޤައުމަށެވެ. ކަސްޓަމްސްއިން ބުނީ، ފާއިތުވި ސެޕްޓެމްބަރމަހުގެ ތެރޭގައި އިނގިރޭސިވިލާތަށް 27 މިލިއަން ރުފިޔާގެ މަސް ބޭރުކޮށްފައިވާ ކަަމަށެވެ.

ދެން އެންމެ ގިނައިން މަސް ބޭރުކުރި ޤައުމުތަކުގެ ތެރޭގައި ޖަރުމަންވިލާތް، ފަރަންސޭސިވިލާތް، އިޓަލީވިލާތް އަދި ސްރީލަންކާ ހިމެނެެއެވެ. އެގޮތުން ސެޕްޓެމްބަރު މަހު ޖަރުމަންވިލާތަށް 24 މިލިއަން ރުފިޔާގެ މަސް ބޭރުކޮށްފައިވާއިރު، ފަރަންސޭސިވިލާތަށް 22 މިލިއަން ރުފިޔާގެ މަސް ބޭރުކޮށްފައިވެއެވެ. އަދި މިދިޔަ މަހު އިޓަލީވިލާތަށް 9 މިލިއަން ރުފިޔާ، އަދި ސްރީލަންކާއަށް 8 މިލިއަން ރުފިޔާގެ މަސް ބޭރުކުރި ކަަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

އޯޝަން ހަންޓަރގެ ފެކްޓްރީގައި މަސް ކަނޑަނީ. ފޮޓޯ: އޯޝަން ހަންޓަރ

ރާއްޖެއިން ބޭރުކުރި މަހުގެ ބާވަތްތަކަށް ބަލާލާއިރު، އެންމެ ގިނައިން ބޭރުކުރީ ސްކިޕްޗެކް ޓޫނާ ނުވަތަ ކަޅުބިލަ މަހުގެ އުފެއްދުންތަކެވެ. އެގޮތުން ކަޅުބިލަ މަހުގެ އުފެއްދުންތަކުގެ 47 މިލިއަން ރުފިޔާގެ މަސް ބޭރުކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ބޭރުކުރީ، ބޮޑުކަންނެލީގެ އުފެއްދުންތަކެވެ. ބޮޑުކަންނެލީގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނައިން ބޭރުކުރީ، ފޮތިކޮށްފައި ހުރި ކަންނެއްޔެވެ. މިގޮތުން ފޮތިކޮށް ބަންދުކުރުމަށްފަހު، 19 މިލިއަން ރުފިޔާގެ ކަންނެލި މަސް ބޭރުކޮށްފައިވާއިރު، ދަޅުގައި ބަންދުކޮށްގެން 13 މިލިއަން ރުފިޔާގެ މަސް ބޭރުކޮށްފައިވެއެވެ. އަދި ހުރިގޮތަށް ގަނޑުކޮށްފައި 8 މިލިއަން ރުފިޔާގެ މަސްބޭރުކޮށްފައިވާ ކަަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިފްކޯގެ ކާރުހަނާތަކުގައި މަހުގެ ބާވަތްތައް ތައްޔާރުކުރަނީ

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އިތުރުން ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދުވެސްވަނީ ދަށަށް ގޮސްފައެވެ. މިކަމާއި ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހު އެކްސްޕޯޓް، އިމްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ 59 އިންސައްތަ ދަށަށް ގޮސްފައެވެ. 2019 އަހަރުގެ ސެޕްޓެމްބަރު މަހު އެކްސްޕޯޓް، އިމްޕޯޓުން ދައުލަތަށް އާމްދަނީގެ ގޮތުގައި 292 މިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި ލިބުނީ، 119 މިލިއަން ރުފިޔާ ކަމަށްވެސް ކަސްޓަމްއިން ބުނެއެެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!