މަސްވެރިކަމާއި ގުޅޭ

140436942_739211596703127_60491399904623727_n

ޑައިވިންގ ހާދިސާތައް މަދުކުރުމަށް ކޮންމެ މަސްދޯންޏެއްގައި ޑައިވިންގ މާސްޓަރއެއް ހުރުން މުހިއްމު: ދައުސް

މަސްވެރިކަމަކީވެސް ތަފާތު އެކި ވަޒީފާގެ ފުރުސަތުތައް ހުރި ދާއިރާއެކެވެ. އެގޮތުން މަސް ދޯނީގައިވެސް އަދާ ކުރެވިދާނެ އެކި ވަޒީފާތައް ހުރެއެވެ.

މީގެން ކޮންމެ ވަޒީފާއަކީވެސް މުޙިއްމު ވަޒީފާއަކަށްވާއިރު، މަސް ދޯނިތަކުގައި އެން ހިފަން ފީނާ މީހުންނަކީވެސް މަސް ދޯނީގައި ފާހަގަކޮށްލެވޭ ދައުރެއް އަދާ ކުރާ ބައެކެވެ.

ކުރިން ފުޅި ނާޅާ އެން ހިފަން ފީނި ނަމަވެސް މިހާރު ދޯނިތަކުގައި ފީނަން ފައިބަނީ އޮކްސިޖަން ފުޅި އަޅައިގެންނެވެ. އެގޮތުން އެން އުޅޭތޯ "ފިޝްފައިންޑަރުން" ބެލުމުގެ އިތުރުން އެކަން ޔަގީން ކުރުމަށް ދޯނީގެ ޑައިވަރުން މޫދަށް ފައިބައެވެ. މިހާރު މަހަށް ދާ ކޮންމެ ދޯންޏެއްގައިވެސް އާއްމުކޮށް 3 ނޫނީ ހަތަރު ޑައިވަރުން ތިބެއެވެ.

ގިނަ އަދަދެއްގެ ޒުވާނުން މަސް ދޯނިތަކުގައި ޑައިވަރުންގެ ގޮތުގައި ވަޒީފާ އަދަކުރަމުންދާއިރު މިފަދަ ޒުވާނަކާއި މަސްވެރިން އެމްވީގެ ފަރާތުން ވާހަކަދައްކާލީމެވެ.

ގއ.ދާންދޫއަށް އުފަން އުމުރުން 20 އަހަރުގެ މުޙައްމަދު ދައުސްއަކީ ގެމަނަފުށީ ޑެއިސީ ވިއު މަސްދޯނީގެ ޑައިވަރެކެވެ.

އޭނާ މަހަށްދާން ފެށީ ސްކޫލް ނިމި ގޮތަށެވެ. އޭރު ވިސްނުންހުރީ ދުވަސްކޮޅަކަށް މަހަށް ދިޔުމަށްފަހު، ރިސޯޓަކަށް ވަޒީފާ ބަދަލު ކުރުމަށެވެ. އެހެންނަމަވެސް މިހާރު އޭނާގެ ވިސްނުން ބަދަލުވެއްޖެއެވެ.

" އާމްދަނީ އެކަންޏެއްނޫން މީގަ މުޙިއްމީ، ބައެއްގެ ދަށުވެސް އުޅެން ބޭނުން ނުވަނީ، މިސާލަކަށް، ރިސޯޓު ލައިފްއަކަށް ބަދަލުވީމަ އަނބިމީހާ ބަލިވިޔަސް ވަޒީފާއިން ކެނޑިގެން އަންނަ ޖެހޭނީ، ބޭނުން ކޮންމެ ދުވަހެއްގައި އޮފް އެއް ނުލިބޭނެ، މިހާރު މަހަށް ދިޔައީމަ ވާނެ ގޮތަކީ ބޭނުން އިރަކު މަޑުކޮށްލާފައި މަހަށް ދެވޭނެ،" ދައުސް ބުންޏެވެ.

 

މިހާރު ދައުސް ބޭނުންވަނީ މަސްވެރިކަމުގައި ދެމި ހުންނަންށެވެ. އަދި މިދާއިރާއިން ކުރިއަށް ދާށެވެ.

ދައުސް މިހާރު ވަނީ ޑައިވް މާސްޓަރ ކޯސްވެސް ފުރިހަމަކޮށްފައެވެ. އޭނާގެ ނަޒަރުގައި ޑައިވް ކުރުމަށް ޝައުގުވެރިކަން ހުންނަ ނަމަ އެކަމާއި ގުޅޭ ގޮތުން ދަސްކުރަން ޖެހޭ ކަންތައްތައް އުނގެނުން މުޙިއްމެވެ.

މަސް ދޯނިތަކުގައި ފީނާ ފަރާތްތަށް ޑީކޯވެގެން ހިތާވެރި ހާދިސާތައް މަދުން ނަމަވެސް ހިނގާތަން ފެނެއެވެ. ދައުސް ދެކޭ ގޮތުގައި މިފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ކޮންމެ ދޯންޏެއްގައިވެސް ޑައިވް މާސްޓަރއެއް ހުރުން މުޙިއްމެވެ.

" ކޮންމެ ދޯންޏެއްގައި ޑައިވް މާސްޓަރއެއް ހުރުން މުޙިއްމު، ޑައިވް ކުރަންޏާ، މަގޭ ނަޒަރުގައި އެވަރަށް ކިޔަވައިގެން ހުރި މީހެއް ހުންނަން ޖެހޭނެ. ޑައިވް ކުރުމުގެ ތެރޭގައި ހިނގާ ހާދިސާތަކަށް އެންމެ ފުރަތަމަ ދޭންވީ ފަރުވާތައް އެނގޭނެ ޑައިވް މާސްޓަރއަކަށް، " ދައުސް ބުންޏެވެ.

 

ދައުސް ބުނީ ޑިއިވް ކުރުމުގައި ހިތާމަވެރި ހާދިސާތައް ކުރިމަތިވަނީ ބަލަން ޖެހޭ މިންވަރަށް ނުބެލޭތީއެވެ. އަދި ޑައިވިންގަކީ ވަރަށް ހަމަޖެހިލައިގެން ކުރަން ޖެހޭ ކަމެއް ކަމަށާއި ބައެއް މީހުން މާ އަވަސްއަރުވައިލައިގެން އުޅުމުންވެސް ހާދިސާތަކަށް މަގުފަހިވާ ކަމަށް ދައުސް ބުންޏެވެ.

ދޮށީގެ މަސްވެރިކަމުގައި އެމަކީ މުޙިއްމު އެއްޗެކެވެ. އެން ނުލިބޭ ކަމަށްވަންޏާ މަސް ނުބޭނޭނެއެވެ. އެން ހިފަން ފީނާ މީހުން ދާ ގަނޑަށް އެން އެރުވުމުގެ މަސައްކަތް ކުރާނެއެވެ.

މި މަސައްކަތުގައި އެމީހުން އެތައް ވަގުތެއް އަޑީގައި ހޭދަކުރެ އެވެ. އަދި ގިނަ ވަގުތު މިގޮތަށް އަޑީގައި އުޅެފައި ކުއްލިއަކަށް މައްޗަށް އުރުމުގައި ނުރައްކަލާވެސް ކުރިމަތިލާން ޖެހެއެވެ. އެއް ބަޔަކު މަރުވެ އެވެ. އަނެއް ބަޔަކަށް ދާއިމީ ނުކުޅެދުންތެރިކަމަކާ ކުރިމަތިވެ އެވެ.

 

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!