މަސްވެރިކަމާއި ގުޅޭ

އއ. ރަސްދޫ ބަނދަރި -- ފޮޓޯ/ ރަސްދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އަނިލް
އއ. ރަސްދޫ ބަނދަރި -- ފޮޓޯ/ ރަސްދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އަނިލް

18 ކަންނެލި ދޯނި އޮންނަ ރަސްދޫގައި ބަނދަރުގެ ދަތިކަން އޮތްއިރު އައިސްޕްލާންޓެއް ނެތް

ދިވެހިރާއްޖޭގައި އާބާދީގެ ނިސްބަތުން ބަލައިފިނަމަ އެންމެ ގިނަ ކަންނެލި ދޯނި ނިސްބަތްވާ ރަށަކީ އއ. ރަސްދޫއަށް ވާނެއެވެ. 1275 މީހުން ދިރިއުޅޭ ރަސްދޫގައި ބޮޑު ކަންނެލީގެ މަސްވެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންދާކަން، އެރަށު ކައުންސިލުން ދީފައިވާ މައުލޫމާތަށް ބަލާއިރުވެސް އެނގެއެވެ.

މީގެ ކުރިން ދޮށީގެ މަސްވެރިކަން ކުރަމުން އައި ރަސްދޫގައި 2000 ގެ އަހަރުތަކުގައި ބޮޑުކަންނެލީގެ މަސްވެރިކަން ފެށުމުން، އެރަށުގައި އެންމެ ފުޅާ ދާއިރާއެއްގައި މިހާރު ކުރާ މަސްވެރިކަމަކީ ކަންނެލީގެ މަސްވެރިކަމެވެ. އެރަށުގެ ގިނަ އާއިލާތަކަކަށް މަސްވެރިކަމުން ނަފާ ލިބޭނެ ކަމަށް ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ހަސަން އަންވަރު ވިދާޅުވިއެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ 18 ދޯނި އޮންނައިރު ރިސޯޓު މަހަށްދާ ދޯންޏަކާއި ފަރުމަހުގެ މަސްވެރިކަން ކުރާ ދޯންޏެއްވެސް އެރަށުގައި އޮވެއެވެ. އަދި ވަރަށް ގިނަ ޑިންގިފަހަރުގައި ވެސް ފަރުމަހުގެ މަސްވެރިކަން ކުރެއެވެ.

ރިސޯޓަށް މަސް ސަޕްލައި ކުރާ މީހުންނަށް ވިއްކުމަށްޓަކައި އަދި ރަށުގެ ގެސްޓްހައުސްތަކަށް ބޭނުންވާ މަސް ބޭނުމަށް ޑިންގިފަހަރުގައި މަސްވެރިން ކުރެއެވެ.

"ރަށުގެ ހުރިހާ އާއިލާއެއްވެސް (މަސްވެރިކަމަށް) ނިސްބަތްވާނެހެން އަޅުގަނޑަށް ހީވަނީ. ކުޑަކުޑަ ރަށެއްގަ ވީމަ، ކޮންމެ ފެމެލީއެއްގަވެސް ހުންނާނެ މަސްވެރިއަކު،" ރަސްދޫއަށް ނިސްބަތްވާ މީހުންގެ އިތުރުން، އެހެން ރަށްރަށުގެ މަސްވެރިންވެސް ރަސްދޫގެ ކަންނެލި އޮޑިފަހަރުގައި މަހަށް ދާ ކަމަށް އަންވަރު ވިދާޅުވިއެވެ.

މަސްވެރިކަމަށް އަލަށް ނުކުންނަ ޒުވާނުން ގިނަ ނޫނަސް، އެރަށުގައި މިވަގުތު ގިނަ އަދަދެއްގެ ޒުވާނުން މަސްވެރިކަމުގައި ހަރަކާތްތެރިވެއެވެ.

"ވަރަށް އިންޓްރަސްޓާއެކު (މަސްވެރިކަން) ކުރާ ޒުވާނުން އެބަ އުޅޭ. ހަމަ ވަރަށް ފަޚުރުވެރިކަމާއެކު، ފަޚުރުވެރި މަސްވެރިންގެ ގޮތުގައި ފާހަގަކޮށްލެވޭ މަސްވެރިން، ޒުވާނުންގެ ތެރޭގައި ފުދޭވަރަކަށް ގިނަ ރަށެއް މި ރަށަކީ،" އަންވަރު ވިދާޅުވިއެވެ.

އއ. ރަސްދޫ ބަނދަރު -- ފޮޓޯ/ ރަސްދޫ ކައުންސިލްގެ ނައިބު ރައީސް

ރަސްދޫގައި މަސްވެރިންގެ ޖަމިއްޔާއެއް އަދި ނެތް ނަމަވެސް ރާއްޖޭގެ މަސްވެރިންގެ ޖަމިއްޔާގެ އިސް ރޯލުތައް އަދާކުރާ މަސްވެރިން ރަސްދޫގައި އުޅެއެވެ.

ބޮޑު ކަންނެލީގެ މަސްވެރިން ކުރާ 18 ދޯނި އޮންނަ ރަސްދޫގައި މަސްވެރިންނާއި ދަތުރުވެރިންނަށްވެސް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަނދަރުގެ ދަތިކަމެވެ.

"ވަރަށް ގިނަ ކައުންސިލްތަކުންވެސް މަސައްކަތް ކޮށް، އެއްކޮށް ނިންމާނުލެވި އޮތް ކަމެއް ބަނދަރަކީ. މިހާރުވެސް ގަދައެއް ވެއްޖެއްޔާ، ބަނދަރުގަ މި އޮންނަނީ ވަރަށް ކުޑަކުޑަ ޖާގައެއް އަނެއްހެން ދަންނަވާނަމަ ހުޅަނގުން ވައި ޖެހޭއިރުގަ، ސަލާމަތްތެރިކަމާއެކު އޮޑި ބާއްވާލެވެން،"

އަންވަރު ވިދާޅުވީ، މި އަހަރުގެ ބަޖެޓްގައި ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ގޮތުގައިވެސް ބަނދަރުގެ މަޝްރޫއު ހިމަނާފައިވާނެ ކަމަށާއި ނަމަވެސް އަދިވެސް އެކަން ފެށޭނެކަން ނުވަތަ ނޫންކަންވެސް ކަށަވަރު ނުވާކަމަށެވެ.

އޭގެ އިތުރުން ރަށުގައި އައިސްޕްލާންޓެއް ނެތުމުގެ ދަތިކަން މަސްވެރިންނަށް ކުރިމަތިވާކަމަށް އަންވަރު ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާންވަނީ، އެއީ ސައުދީ ފަންޑުން ހަމަޖެހިފައި އިން އައިސްޕްލާންޓުގެ ހަ އައިސްޕްލާންޓެއްގެ ތެރޭގައި ރަސްދޫގެ އައިސްޕްލާންޓު ވެސް ހިމެނޭ. އެހެން ނަމަވެސް އެކަންވެސް އަދި މިއޮތީ ކުރިއަށް ނުގޮސް،" އަންވަރު ވިދާޅުވީ އެ މަޝްރޫއުއަށް ތިން ފަހަރަށް އިއުލާނުކޮށް، އަދި އަމަލީ ސިފައެއް ނާންނަ ކަމަށެވެ. އެ މަޝްރޫއު ނުހިނގަނީ ކޮންޓްރެކްޓަރެއް ނުލިބިގެން ކަމަށް މައުލޫމާތު ލިބޭކަމަށް އަންވަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!