މަސްވެރިކަމާއި ގުޅޭ

އަލްމަރުހޫމާ ޑރ. ފާތިން -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
އަލްމަރުހޫމާ ޑރ. ފާތިން -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

އަލްމަރުހޫމާ ޑރ. ފާތިން މަސްވެރިކަމުގެ ދާއިރާއަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވޭ

އެހެން އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުގެ މަސްވެރިންގެ ދުވަހުވެސް، މަސްވެރިކަމުގެ ސިނާއަތަށް އެކި ގޮތްގޮތުން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކޮށް، އިނާމު ހަވާލުކޮށްފައިވެއެވެ.

އެގޮތުން، "މަސްވެރިކަމުގެ ދާއިރާއަށް ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް"ގެ ގޮތުގައި، ފިޝަރީޒް މިނިސްޓްރީން ވަނީ  އަލްމަރުހޫމާ ޑތ. ފާތިން ހަމީދު ފާހަގަ ކުރައްވާފައެވެ. އަދި އެކަމަށްޓަކައި ހާއްސަ އެވޯޑެއްވެސް އަރުވާފައެވެ.

އަލްމަރުޙޫމާ ޑރ. ފާތިން ހަމީދަކީ މަސްވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ގިނަ އަހަރުތަކެއް ވަންދެން އަގުހުރި ހިދުަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޑރ. ފާތިން މަސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިވެވަޑައިގަތީ، މި ސިނާޢަތަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެންމެ މުހިންމު އެއް ދާއިރާކަމަށް ވިސްނިވަޑައިގެން، އެ ދާއިރާއިން ޤައުމަށް ޚިދުމަށް ކޮށްދެއްވުމުގެ އުންމީދުގައެވެ.

މަސްވެރިކަމުގެ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރައްވައި، ޑރ. ފާތިން ފިޝަރީޒް މިނިސްޓްރީއާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން 2008 ވަނަ އަހަރު މިނިސްޓްރީން ވަކިވެވަޑައިގަތުމާ ހަމައަށް މިނިސްޓްރީގެ އެކި މަގާމުތަކުގައި ހުންނަވައިގެން މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ޑރ. ފާތިން އެތައް މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

މިގޮތުން "ކަޅުބިލަމަހުގެ ސިނާއަތު ތަރައްގީ ކުރުމުގެ ޕްރޮގްރާމު" ވުޖޫދަށް ގެންނެވީ ޑރ. ފާތިންގެ މޭސްތިރިކަމުގެ ދަށުގައެވެ. މި ޕްރޮގްރާމަކީ، ކަޅުބިލަމަސް ގަނެ، ވިއްކުުމުގެ ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން އަމިއްލަ ފަރާތްތަކަށް މި މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް ތަރައްގީކުރެވުނު ޮްޕްރޮގްރާމެކެވެ.

ދިވެހިރާއްޖޭގައި މިހާރު ކަޅުބިލަމަހުގެ ވިޔަފާރި މިހާ ފުޅާމިނަކަށް ތަރައްގީ ކުރުމަށް މަގުފަހިވި އެއް ސަބަބަކީ ޑރ. ފާތިން އެކަމުގައި ކުރެއްވި މަސައްކަތްތަކެވެ.

މީގެ އިތުރުން، 2004 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މަސްވެރިންނަށް ލިބުނު ގެއްލުން ފޫބައްދައި، ލިބުނު ގެއްލުމުން އަރައިގަނެ، މަސްވެރިކަން ދަށަށް ނުގޮސް ހިފެހެއްޓުމަށްޓަކައި ބޭރުގެ ހިލޭ އެހީ ހޯދުމަށް ޑރ. ފާތިން ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިއެވެ. އަދި ރާއްޖޭގައި ދޯނި ބަނުމުގެ ފަންނު ހުރި އަމިއްކަ ފަރާތްތައް ދޯނި ބަނުމުގެ ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ހާމަކޮށްފައިވާތީ، އަމިއްލަ ފަރާތްތަކަށް އެ ފުރުޞަތު ނިމުމުގެ ގޮތުން ރ. އަލިފުށީގައި ހިންގި ބޯޓު ޔާޑު ޕްރައިވަޓައިޒަމް ކުރުމަކީވެސް ޑރ. ފާތިންގެ ވިސްނެވުމެކެވެ.

1987 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި މަސްވެރިކަމުގެ ގާނޫނު ޒަމާނާ އެއްގޮތަށް ބަދަލުކުރަން ޖެހޭކަން ފާހަގަކުރައްވައި، އަދި މަސްވެރިކަމުގެ އާ ގާނޫނެއްލިޔެ ތައްޔާރު ކުރުމުގެ ފުރަތަމަ މަރުހަލާގައި މަސްވެރިންގެ ބައިވެރިވުން ޔަގީންކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިންނާއި އަދިވެސް އެހެނިހެން ހިއްސާދާރުންގެ ބައިވެރިކަން ހިމެނޭހެން މަހާސިންތާތައް ބާއްވައި، ޑރ. ފާތިންގެ އިސްނެންގެވުމުގެ ދަށުން މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދެވިއެވެ.

މިނިސްޓްރީގައި ހުންނަވައި، މަސްވެރިކަމުގެ ދާއިރާއަށް ކޮށްދެއްވި ޙިދުމަތްތަކުގެ އިތުރުން، މިފްކޯގެ ޗެއަރޕަރސަންކަންވެސް ޑރ. ފާތިނާ ވަނީ ކުރައްވާފައެވެ. އަދި ރައްޔިތުންގެ ޙާއްޞަ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަންވެސް ކުރެއްވިއެވެ.

ކެންސަރުބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ޑރ، ފާތިން ނިޔާވެފައި ވަނީ 2014 ވަނަ އަހަރުއެވެ.

މައުލޫމާތު: ފިޝަރީޒް މިނިސްޓްރީ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!