މަސްވެރިކަމާއި ގުޅޭ

70093253735_6783737205778022400_o

ބޮޑުކަންނެލީގެ އަގު އަދިވެސް ދަށަށް ހިނގައިދާނެ: އެންސިސް

ބޮޑުކަންނެލީގެ އަގު އަދިވެސް ދަށަށް ހިނގައިދާނެ ކަމަށް ރާއްޖޭގައި އެންމެ ގިނައިން ބޮޑުކަންނެލި ގަންނަ އެއް ކުންފުނި ކަމަށްވާ އެންސިސް އިން ބުނެފިއެވެ.

އެންސިސްގެ ޖެނެރަލް މެނޭޖަރު ހުސައިން އަފީފް ވިދާޅުވީ، ކޮވިޑް-19 އިތުރަށް ގޯސްވުމުގެ ސަބަބުން އެކުންފުނިން އެންމެ ގިނައިން ކަންނެލި ބޭރުކުރާ ޤައުމުތައްކަމަށްވާ ފްރާންސް އާއި އިޓަލީ އަދި އިނގެރޭސި ވިލާތައް ކަންނެލި ބޭރުކުރުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށެވެ. އަދި ކޮވިޑް ގެ ދެވަނަ ރާޅާއެކު އެޤައުމުތައް ލޮކް ޑައުންކުރުމުގެ ސަބަބުން އެޤައުމު ތަކުން ލިބެމުންއައި އޯޑަރުތައް ކެންސެލް ވަމުންދާކަމަށް އަފީފު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އެކުންފުނިން ގަންނަ ކަންނެލިތައް މިހާރު ޖެހެނީ ފްރީޒް ކުރަން ކަމަށާއި ކަނޑުކޮށްގެން ކަންނެލި ބޭރުކުރުމަކީ އަގު ދަށްވާ ކަމެއް ކަމަށެވެ.

"ގަންނަ މަހުގެ %85 މި ޖެހެނީ ފްރީޒްކުރަން. %15 މި އެކްސްޕޯޓްކުރަނީ. މަސްވެރިންގެ އަތުން އެބަ މަސްގަންނަން ޖެހޭ. ގިނަ ވީމަ އިތުރަށް ނަގާ މަސް މި ފްރީޒް ކުރަނީ. މިހާރުވެސް ފްރޯޒަން ބޮޑު ސްޓޮކެއް އެބަހުރި. ކުރިޔަށް އޮތްތަނުގައިވެސް އެކްސްޕޯޓް ނުކުރެވި މިގޮތަށް ދަންޏާ މިއަށްވުރެވެސް ބޮޑަށް ކަންނެލީގެ އަގު ދަށްވެގެންދާނެ ކަމަށް ބެލެވޭ. މިކަމަށް ވާނެ ދުވަހެއް އަދި ނޭނގޭ." އަފީފް ވިދާޅުވިއެވެ.

ވިލާތުގެ ޤައުމުތަކުގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެ، ފާއިތުވި ހަފްތާއިން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދުވެސް ވަނީ އިތުރުވާން ފަށާފައެވެ. އަދި މުޅި ސަރަހައްދުން މިހާތަނަށް ކޮވިޑު ޖެހުނު މީހުންގެ އަދަދުވަނީ، 9.7 މިލިއަނަށް އަރާފައެވެ. މިސަރަހައްދަށް ބަލީގެ ދެވަނަ ރާޅެއް އަރާފައިވަތީ، ވިލާތުގެ ގިނަ ޤައުމުތަކެއްގައިވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ފަށާފައެވެ. އެގޮތުން ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މަސް ބޭރުކުރަމުންދާ ޤައުމުތައް ކަމަށްވާ ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތުގެ އިތުރުން އިޓަލީވިލާތް ފަދަ ޤައުމުތައް ވަނީ ދެވަނަ ފަހަރަށް ފުރަންބަންދުކޮށް، ކާފިއު އިއުލާންކޮށް، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ބަންދުކުރަން ފަށާފައެވެ.

ކޮވީޑުގެ ދެވަނަ ރާޅެއް އައުމާއި ގުޅިގެން ރާއްޖޭގެ މަސް ކުންފުނިތަކުން އެންމެ ގިނައިން ބޮޑުކަންނެލި ބޭރުކުރަމުންދާ ފަރަންސޭސިވިލާތްވަނީ އަންނަ ޑިސެމްބަރު މަހުގެ 1 ގެ ނިޔަލަށް އަނެއްކާވެސް ފުރަބަންދުކޮށްފައެވެ. އެންސިސްއިން އެކަނިވެސް ފަރަންސޭސިވިލާތަށް މަހެއްގެ މައްޗަށް 50 އާއި 70 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ބޭރުކުރާ ކަމަށް އެކުންފުނިން ބުނެއެވެ.

އެންސިސްއިން ބޮޑުކަންނެލި ކިލޯއެއް މިހާރު ގަންނަނީ 40 ރުފިޔާއަށެވެ. އަދި 18 ކިލޯއާއި 30 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް ގަންނަނީ 30 ރުފިޔާއަށެވެ. މިދިޔަ މަހު މެދެއްހާ ހިސާބުގަ އެކުންފުނިންވަނީ 70 ރުފިޔާއަށް ބޮޑުކަންނެލި ކިލޯއެއް ގަނެފައެވެ. އޭގެ ފަހުން ކަންނެލީގެ އަގު އަންނަނީ ދަށްވަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!