މަސްވެރިކަމާއި ގުޅޭ

އދ. މަހިބަދޫ އަސުރުމާ 3
އދ. މަހިބަދޫ އަސުރުމާ 3

ފުޅާދާއިރާއެއްގައި ކަންނެލީގެ މަސްވެރިކަން ކުރާ މަހިބަދޫއިން މަސްވެރިންނަށް ގިނަ ވަސީލަތްތަކެއް ލިބޭ

އަރިއަތޮޅު ދެކުނުބުރީ ވެރިކަންކުރާ ރަށ،ް މަހިބަދޫއަކީ، ރާއްޖޭގެ ގިނަ ރަށްރަށާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ތަރައްގީވެފައިވާ ރަށެކެވެ. އިމާރާތްތައް ޒަމާނީ ވުމާއި، މަގުތަކުގައި ގާޖެހުން ފަދަ ކަންކަމުން ފެށިގެން ގޮސް ކުޅިވަރުގެ ދާއިރާއިންވެސް މަހިބަދޫއަކީ ނަން ވިދާލާ ރަށެކެވެ.

މަހިބަދޫގެ މި ހާއްސަކަމުގެ ތެރެއަށް އިތުރަށް ފީނާލާއިރު ފެންނަނީ މަސްވެރިކަމުގައިވެސް އެރަށުން ކުރިއަރައި ގޮސްފައިވާ މިންވަރެވެ. އަތޮޅުގެ ވެރިކަންކުރާ ރަށަށް ވުމާއެކު ސަރުކާރުން މަހިބަދޫގައި ގިނަ ހިދުމަތްތަކެއް ވަނީ ގާއިމުކޮށްދީފައި ކަމަށް މަހިބަދޫ ކައުންސިލް މެމްބަރު މުހައްމަދު މައުމޫން ވިދާޅިވިއެވެ.

މަހިބަދޫގައި ކުރާ މަސްވެރިކަމަށް ބަލާއިރު، އެންމެ ފުޅާ ދާއިރާއެއްގައި އެރަށުގައި ކުރަނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. އަދި ރިސޯޓުތަކަށް މަސް ބޭނުމަށްޓަކައި ފަރުމަހުގެ މަސްވެރިކަން ކުރާ ދެތިިން ދޯނި އެރަށުގައި އޮވެއެވެ.

ބޮޑު ކަންނަލީގެ މަސްވެރިކަން ކުރާ 10 ވަރަކަށް ދޯނި އޮންނަ މަހިބަދޫގައި މަސް ކިރާ ފެކްޓްރީއެއްވެސް ގާއިމު ކޮށްފައިވާކަމަށް މައުމޫން ވިދާޅުވިއެވެ. އޭގެ އިތުރުން އެރަށުގެ ބައެއް ފަރާތްތަކުން ކޮންމެވެސް ވަރަކަށް ވަދުދަމައިގެންނާއި ދިގުމަސް ބާނައިގެން ރަށަށް ވިއްކާކަމަށް މައުމޫން ވިދާޅުވިއެވެ.

"ސީދާ ކަނޑުމަހަށް ދާ ދޯންޏެއް ނޯންނާނެ. ބޮޑަށް، ބޮޑު ކަންނެލީގެ މަސްވެރިކަމާ ރިސޯޓު މަސްވެރިކަން، ދެން މިބުނާހެން، ހަމަ ރަށުގަ ތިބޭ ފަރާތްތަކުން ކުރާ މަސްވެރިކަން މިއުޅެނީ،" މައުމޫން ވިދާޅުވިއެވެ.

އދ. މަހިބަދޫ "އަސުރުމާ 3"

މަހިބަދޫގެ ކޮންމެ ކަންނެލި ދޯންޏެއްގައި 15 ނުވަތަ 18 މީހުން ކަންނެއްޔަށް ދެެއެވެ. ކަންނެލި ދޯނިތަކުގެ ތެރެއިން އަށް ދޯނި ފައިބަރު ކޮށްފައި ވާއިރު، އެވްރެޖްކޮށް އެރަށުގައި ހުންނަނީ 80 ފޫޓުން މަތީގެ ދޯނިފަހަރެވެ. އަދި 96 ފޫޓު، 100 ފޫޓާ ކައިރިކުރާ ހަތަރު ދޯނި އޮންނަކަމަށް ވެއެވެ. މަހިބަދޫގައި ދުއްވާ ހުރިހާ ކަންނެލިދޯންޏަކީވެސް މަހިބަދޫ އޮޑިވެރިންގެ ދޯނިތަކެވެ. ކޮންމެވެސް ވަރަކަށް ރަށުން ބޭރު މީހުން ހަރަކާތްތެރިވި ނަމަވެސް ގިނައިން ދޯނިތަކުގައި އުޅެނީ މަހިބަދޫ މީހުންނެވެ.

މައުމުން ވިދާޅުވި ގޮތުގައި، މަހިބަދޫ އާބާދީގެ 40 ޕަސެންޓް މަސްވެރިކަމުގައި ހިއްސާވާނެއެވެ.

ޒުވާނުން މިހާރު މަސްވެރިކަމަށް ނުނިކުންނަކަން ފާހަކަ ކުރައްވައި މައުމޫން ވިދާޅުވީ، މީގެކުރިން މަސްވެރިކަމުގައި އުޅޭ ޒުވާނުން ވަރަށް ގިނަ ކަމަށެވެ. އޭގެ ތެރޭގައި ސްކޫލު ނިންމާ ޒުވާނުންގެ ތެރެއިން ވަރަށް ގިނަ ކުދިން، ބޮޑު ކަންނެލީގެ މަސްވެރިކަމަށް ނުކުންނަކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑްގެ ހާލަތުގައި އައި ބަދަލާ ގުޅިގެން، މަސްވެރިކަމަށް ނުކުންނަ ޒުވާނުން ކޮންމެވެސް ވަރަކަށް ވަނީ މަދުވެފައެވެ. އެހެން ނަމަވެސް ޒުވާނުންގެ ބައިވެރިވުންވެސް ފުދޭވަރަކަށް ބޮޑުވާނެކަމަށް މައުމޫން ވިދާޅުވިއެވެ.

މަހިބަދޫ އައިސްޕްލާންޓްގެ ސަބަބުން ވެސް އެރަށަށް ވަރަށް ބޮޑު ފައިދާއެއް ކުރެއެވެ. އެގޮތުން މަހިބަދޫގެ ދޯނިތަކަށް ދަތިކަމެއް ނެތި އައިސް ލިބޭ ކަމަށް މައުމޫން ވިދާޅުވިއެވެ.

އދ. މަހިބަދޫ "ރަސްގެފާނު 1"

މެދުރާއްޖެތެރޭގެ ގިނަ ރަށްރަށުން މަހިބަދޫއަށް އައިސްބަލާ ދާ ކަމަށާއި އުތުރާއި ދެކުނުގެ ދޯނިފަހަރުވެސް އައިސް އަޅަން ދާ ކަަމަށް މައުމޫން ވިދާޅުވިއެވެ. އަދި މެދުރާއްޖެތެރެއިން ކަނޑުމަސް ބާނައިގެން މާލެ ދާ ދޯނިފަހަރުވެސް އައިސްބަލާ ވަރަށް ގިނައިން މަހިބަދޫއަސް ޖައްސާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"އެހެންވީމަ އައިސްޕްލާންޓްގެ ބޭނުން މަސްވެރިން ފުދޭވަރަކަށް ކުރެއޭ ބުނެވޭނީ،" މަހިބަދޫ މަސްވެރިންނަށް ދަތިކަމަކަކަށް ފާހަގަ ކުރެވޭ ވަކިކަމެއް ނެތް ކަމަށް މައުމޫން ވިދާޅުވިއެވެ. ނަމަވެސް ބައެއް ފަހަރު، އޮޑިފަހަރަށް ބޭނުންވާ އެއްޗެހި ލިބުމުގައި ހުރި ދަތިތައް އޭނާ ފާހަގަ ކުރެއްވިއެވެ.

މިފަހުން އެރަށުގައި އައިސްޕްލާންޓެއްވެސް ގާއިމު ކުރެވިފައި ހުރުމުން، މަސްވެރިކަމުގެ ފެންވަރު އެވްރެޖް ގޯހޭ ނުދެންނެވޭނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

"އެވްރެޖްކޮށް ބަލާނަމަ ގިނަ ހިދުމަތްތަކެއް ލިބެން ހުރޭ. ހާޑްވެއަރގެ ފިހާރަކަތާއި ލޯކަލް ވިޔަފާރިތައް ކޮވިޑްގެ ތެރޭގައިވެސް ވަރަށް ރަނގަޅަށް މެނޭޖްކުރަމުން ގެންދިޔަ. އެހެންކަމުން ވަކި ދަތިކަމެއް ނެތް،" މައުމޫން ވިދާޅުވިއެވެ.

އދ. މަހިބަދޫ "އަސަރީ"

މަސްވެރިންގެ ކަންބޮޑުވުމެއްކަމަށް މައުމޫން ވިދާޅުވީ. މަހިބަދޫ ކައިރީގައި މަސް ކަނދުފައްޗެއް ނެތުމެވެ. ރާއްޖޭގެ ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މަސްކަނދުފަތި އަޅާދޭނެ ވާހަކަ މިނިސްޓްރީން އަންގާފައި އޮތުމުން، ވަރަށް ކުރިން މިނިސްޓަރާ ބައްދަލުކޮށް މަސް ކަނދުފައްޗެއް އަޅައިދޭން އެދިފައި ވާނެކަމަށް މައުމޫން ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް އެކަން ނުވެ އޮތްކަމަށް މައުމޫން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!