މަސްވެރިކަމާއި ގުޅޭ

A-Corbis-42-44126270-_1_nhygrd-pvonw4pywpqoxxj7jfqoynfedo2otzibjpp0bl99xk

ފަރުތޮޅި

ފަރުތޮޅިއަކީ ރާއްޖޭގައި ގިނައިން އުޅޭ ދިވެހިން ދަންނަ މަޝްހޫރު މަހެކެވެ. އާއްމުގޮތެއްގައި ފަރުތޮޅި އުޅެނީ ރަށްރަށުގެ ފަޅުތެރެއާއި އަތޮޅުގެ އެތެރެވަރީގެ ފަރުތައް ކައިރީގައެވެ. އަދި ބައެއް ފަހަރު މާކަނޑުންވެސް މިމަސްފެނެއެވެ. އާއްމުކޮށް މިމަސް އުޅޭނީ ވަކިންނެވެ.

ފަރުތޮށީގެ އެވްރެޖް އުމުރަކީ 14 އަހަރެވެ. މި މަހުގެ އެންމެ ބޮޑެތި މަހުގެ ގޮތުގައި ރިކޯޑުކުރެވިފައި ހުރީ 5 ފޫޓު 5 އިންޗި ހުންނަ ވަރުގެ ތޮޅިއެވެ. މިހާތަނަށް ރިކޯޑުކުރެވިފައިވާ އެންމެ ބޮޑު ފަރުތޮޅީގެ ބަރުދަނުގައި ހުރީ 44 ކިލޯއެވެ. މިމަހަކީ މޫދުގައި އުޅޭ އެންމެ ދަތްތައް ތޫނު މަސްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަހެކެވެ.

ފީނާ މީހުންގެ ފަހަތުގައި ވަރަށް ގިނަ ފަހަރު ފަރުތޮޅި އަޅުވާލައެވެ. ނުވަތަ ފީނާ މީހާ ފެންނަ ހިސާބުގައި ފަރުތޮޅި ހުރެއެވެ. ނަމަވެސް ފަރުތޮޅިއަކީ ގަސްދުގައި އިންސާނުންނަށް ހަމަލާދޭ މަހެއް ނޫނެވެ. ފަރުތޮޅި ޑައިވިންގކުރާ މީހުންގެ ފަހަތުން އުޅެނީ މޫދުގައި އޮންނަ މީހާގެ ފަރާތުން އެޅޭ ދަޅައެއްގެ ސަބަބުންނެވެ. އަދި ވިދާ އެއްޗިއްސަށް ހާއްސަ ޝައުގުވެރިކަމެއް ފަރުތޮޅި ދެއެވެ. އެގޮތުން ފީނާ މީހާގެ އަތުގައި އޮންނަ އަނގޮޓި ކަހަލަ އެއްޗެހީގެ ދަޅައަށް ފަރުތޮޅި ދެއެވެ. ފަރުތޮޅިއަށް މިފަދަ އެއްޗެހި ހީވަނީ ކުދި މަސްތައް ކަމަށެވެ. އަދި ބައެއް ކަހަލަ މާސްކުންވެސް މިފަދަ ދަޅަ އެޅެއެވެ. މިފަދަ ދަޅަ އެޅުމުގެ ސަބަބުން ބައެއް ފަހަރު ފަރުތޮޅި އިންސާނުންނަށް ހަމަލާދީފައި އެބަހުއްޓެވެ.

ފީނާ މީހުން މޫދުގައި ދިރޭ މަސް ހިފައިގެން އުޅޭވަގުތު ފަރުތޮޅީގެ ނުރައްކާ ވަރަށް ބޮޑެވެ. މިސާލަކަށް މޫދުގައި ތިބެ ފާނަ ކަހަލަ އެއްޗެހި ބާނާ ވަގުތު މަސް ބާނަން އޮންނަ މީހާ މަހުގައި ހިފާވަގުތާ ފަރުތޮޅި ކުއްލިއަކަށް އައިސް މަހުގައި ހިފާ ވަގުތާ ދިމާވެއްޖެނަމަ މޫދުގައި އޮންނަ މީހާއަށް ފަރުތޮޅީގެ ހަމަލާ އަމާޒުވާނެއެވެ. މިފަދަ ހާދިސާތައް ރާއްޖޭގައިވެސް މަދުމަދުން ހިނގާފައި އެބަހުއްޓެވެ.

ފާއިތުވީ 100 އަހަރުތެރޭ ފަރުތޮޅިއެއް ހަމަލާދީގެން ދުނިޔޭގެ އެކި ހިސާބުތަކުން ރިޕޯޓުކޮށްފައިވަނީ އެންމެ 25 ފަހަރުއެވެ. މީގެތެރޭގައިވެސް ގިނައީ ފަރުތޮޅި ދަތް އެޅުމުގެ ސަބަބުން ލިބިފައިވާ އަނިޔާގެ ރިޕޯޓުތަކެވެ. ފަރުތޮޅިއެއް ހަމަލާ ދީގެން އިންސާނުންގެ ފުރާނައަށް ނުރައްކާވެފައިހުރީ މަދުފަހަރަކުއެވެ. ދުނިޔޭގައިވެސް ރެކޯޑު ކުރެވިފައިވަނީ މިފަދަ މަދު ޙާދިސާ ތަކެކެވެ. އެގޮތުން 1947 ވަނަ އަހަރު ކީވެސްޓުގައި މިފަދަ ހާދިސާއެއް ރެކޯޑު ކުރެވިފައި ވެއެވެ، އަދި 1957 ވަނަ އަހަރު ނޯތު ކެރޮލައިނާގައިވެސް ފަރުތޮޅިއެއް ހަމަލާ ދިނުމުގެ ސަބަބުން މީހަކު މަރުވެފައި ވެއެވެ.

ފަރުތޮޅިއަކީ ކެއުމަށް ބޭނުންކުރަން އެހާ ރަނގަޅު މަހެއް ނޫނެވެ. އެކަމަކު މިއީ ވިހަ މަހެއް ނޫނެވެ. ނަމަވެސް އެހެން ޓްރޮޕިކަލް މަސްތައް ފަދައިން މިމަސް ކެއުމަށް ބޭނުންކުރާ ޕްލޭކްޓަންއަކުން އުފައްދާ ވިހައެއްގެ ސަބަބުން މިމަހުގެ ގައިގައިވެސް ވިހަ މާއްދާ އަށަގަނެއެވެ. އަދި އެފަދަ މަހެއް ކެވިއްޖެނަމަ އިންސާނާ ވިހަވެއެވެ. މީގެސަބަބުން އެލާޖިކްވުން ފަދަ ކަންތައް ކުރިމަތިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.